އެވެރީން އަހަރުމެން މަގުފުރައްދައިފިއެވެ.




ބިރުވެރިކަމާއި ނާމާން ކަން ފެތުރިއްޖެއެވެ. ޖާހިލުކަމާއި އަނިޔާވެރިކަން އާއްމު ވެއްޖެއެވެ. ދީނެއް އުސޫލެއް ، އުޅުމެއް އަޚުލާގެއްނެތި އިންތިހާއަށް ހައްދުފަހަނައަޅައި ހިގައްޖެއެވެ. އާއެކެވެ. މި ދިވެހިރާއްޖޭ ގައި މިހާރު މިދެކެމުންދަނީ މީން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ނުބައި ނުލަފާ ޖާހިލު ކަމުގެ ދުވަސްވަރެކެވެ.
މިހާރު މި ފަސްގަޑުގައި މިފެނިގެންދަނީ ، ނިކަމެތި މަނި ތިއްކަކުން އުފެދުނު ނުހިނގިފައި ފިރުކިފައި ވެއްޓިފައި އުޅުނު ، ނަޖިސްތައް ބަޑުގައި އުފުލާ ހާލު ބިންމަތީ ހިނގާ އުޅޭ ، ސިކުނޑީގެ ކުޑަކުޑަ ނާރަކަށް ފިތިލާއިރަށް މަރުވެގެން ވެއްޓޭ  ބޮޑާ ކިބުރުވެރި އިންސާނުންތަކެއް އެބައިމީހުން ޚަލްޤު ކުރެއްވި މަތިވެރި ރައްބު މަތިން ހަނދާން ނެތިގެން ދިޔަ ތަނެވެ.
އެ މަތިވެރި ރަސްކަލާނގެ އަށް ފުރައްސާރަ ކުރަންފަށައި އެކަލާނގެ ޝަރީޢަތަށް ފާޅުގައި ނުރުހުންތެރިވެ ބަސްބުނެ ، އެކަލާނގެ ދީނަށް ފާޅުގައި އަދާވަތްތެރިވަމުން ދާތަނެވެ. އެކަލާނގެ ފޮނުއްވި މާތް ރަސޫލާ (صلي الله عليه وسلم) ގެ ސުންނަތަށް ފާޅުގައި ފުރައްސާރަ ކޮށް ހައްދުންނައްޓައިގެން ދާތަނެވެ. އެކަލާނގެ ބާވައިލެއްވި މަތިވެރި އިސްލާމްދީނުގެ އަސްލު މީހުންނަށް އޮޅުވާލައި "މޮޑޮރން އިސްލާމް" ގެ ނަމުގައި އާ "ވާރޝަން" އެއް ގެންނަން މަސައްކަތް ކުރާ ތަނެވެ. އެމަތިވެރި ފުޅާވެގެންވާ ދީން ހަނިކުރަމުން ގޮސް ހުރިހާ ސިޔާސަތުތަކާއި ވަކި ކޮށްލާ ހަމައެކަނި މިސްކިތެއްގެ ތެރެއަށް ވައްދާ އެ މަތިވެރިދީނުގެ ބާރު ކުޑަ ކޮށްލުމަށް މަސައްކަތް ކުރާ ތަނެވެ. އެ މަތިވެރި ދީނުގެ ޢިލްމު ކިޔަވައިދިނުމުގެ ދާއިރާ ހަނިކޮށްލާ އެ މުއައްސަސާ ބަލި ކަށި ކޮށްލުމަށް މަސައްކަތް ކޮށް ، އެ މަތިވެރި ދީން އުނގެނިގެންތިބި ، އިލްމުވެރިންގެ އަގު ވައްޓާލައި ފާޅުގައި އެބޭފުޅުންނަށް ގޮންޖަހަމުން ދާ ތަނެވެ. މި ކުޑަކުޑަ ޤައުމުގައި އެތައް ނުބައި ފާޙިޝް އަމަލުތަކެއް ފެތުރި ހައްދުފަހަނަ އަޅައި ޖާހިލުކަމުގެ މައްޗަށް ޖާހިލުކަން ފެތުރި އަދަވަޅެއްގެ ތެރެއަށް ވެެއްޓިގެން ދާތަނެވެ.
އަހަރުމެން މުސްލިމުން އިސްލާމްދީނުގެ ނޫރުގެ ތެރެއިން ޖާހިލު ކަމުގެ އަނދިރި ކަމުގެ ތެރެއަށް ، އަމާންކަމުން ބިރުވެރިކަމަށް ، ވެއްޓިގެން މިދަނީ، ފަހެ ކީއްވެގެން ހެއްޔެވެ. އެއީ ހަމަ ޔަޤީނުންވެސް ، އެ ނުބައި ސުންޕާ ޔަހޫދީންގެ ނުބައި ރޭވުމުގެ ދަށުން އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ކުފުރު ޑިމޮކްރަސީ ގެނައުމުގެ ނަތީޖާކަން ޔަޤީނެވެ.
އެ ޔަހޫދީން ގެ ވިހަގަދަ ހަތިޔާރު ގެ ސަބަބުން ، އަހަރުމެންގެ ތެރޭގައި އިސްލާމްދީނަށް ދޭން ޖެހޭ އިސްކަމަށް ވުރެ ބޮޑަށް ލޯބިވާ ސިޔާސީ ޕާރޓީ އަށް އިސްކަން ދޭން ފެށިއްޖެއެވެ.   "لا اله الا الله ، محمد رسول الله"  މި ކަލިމައިގެ މައްޗަށް ނިކަމެތި އިންސާނުންތަކެއް އިސްކުރެވެން ފެށިއްޖެއެވެ. އާއި ރަސޫލާ (صلي الله عليه وسلم) ދެކެ ވާން ޖެހޭ ލޯބި ޕާރޓީ ގެ ވެރިންނަށް ދެވިއްޖެއެވެ. ޕާރޓީގެ ބޮޑު މީހާ މާތް ގެ ޙުކުމް ފުޅު ތަކަށް ފާޑު ކިޔާ ހިނދު އަދި މާތް ރަސޫލާ (صلي الله عليه وسلم) އަށް ފާޅުގައި ފުރައްސާރަ ކުރާ ހިނދު ހެވިފައި އަތްތިލަ ބަޑިޖަހަން ތިބެން ފެށިއްޖެއެވެ. މަތިވެރި ނަމާދުގެ ބަދަލުގައި ޕާރޓީ ގެ ބައްދަލުވުންތަކާއި ޖަގަހަ ތަކުގައި ބޭކާރު ވާހަކަ ދެއްކުން މުހިއްމު ވެއްޖެއެވެ. އަހަރުމެންގެ ދިރިއުޅުމުގެ މަޤުސަދަކީ ﷲ އަށް އަޅުކަން ކުރުމުގެ ބަދަލުގައި ސިޔާސީ ޕާރޓީ ގެ ވެރިންނަށް ނަސްރު ދީ ހިމާޔަތް ދިނުން ކަމުގައި ހީވެއްޖެއެވެ. ދީނެއް އުޅުމެއް އުސޫލެއް ނެތިގޮސް ޖަންގަލީގެ އުޅުމަކީ އެންމެ މޮޅުގޮތް ކަމުގައި ދެކެން ފެށިއްޖެއެވެ. ހައްޤު އެއީ ބާތިލު ކަމުގައި އަދި ބާތިލް އެއީ ހައްޤު ކަމުގައި ދެކެން ފެށިއްޖެއެވެ.

އާއެކެވެ. އަހަރުމެން އެހާ ފަސޭހައިން އެ ނުބައި މަކަރުވެރި ޔަހޫދީންގެ މަޅީގައިި ބަދެވި "لا اله الا الله ، محمد رسول الله"(صلي الله عليه وسلم)  މި ކަލިމައާއި ފުށޫ އަރާ އެތައް ކަމެއް ކުރަމުން މިދަނީ  އެއީ އަހަރުމެންނަށް ޝަހާދަތުގެ ދެކަލިމައިގެ މަތިވެރިކަމާއި މުހިއްމު ކަން ހަނދާން ނެތިގެން ދިޔުމުގެ ނަތީޖާ ކަން ޔަޤީނެވެ. އެކަލިމައިގެ މާނަ ހިތަށް ފަހުމް ނުވުމުގެ ނަތީޖާކަން ޔަޤީނެވެ.
އާއެކެވެ. "لا اله الا الله ، محمد رسول الله" (صلي الله عليه وسلم) މި ޝަހާދަތުގެ ކަލިމައަކީ ވަރަށްވެސް އަގުބޮޑު އެއްޗެކެވެ. އަހަރުމެން އިންސާނުން ދުނިޔެއަށް ފޮނުއްވުނީ އެ ޝަހާދަތުގެ ކަލިމައިގެ މައްޗަށް އަހަރުމެން ގެ ދިރިއުޅުން ބިނާ ކުރުމަށެވެ. ﷲ އަށް ހަމައެކަނި ޚާލިސް ކޮށް އަޅުކަން ކުރުމަށެވެ. އެކަލާނގެ ޝަރީޢަތް ޤާއިމުކޮށް އެކަލާނގެ ދީން މަތިވެރިކޮށް އެކަލާނގެ ދީނަށް ނަސްރު ދިނުމަށެވެ.
އަހަރުމެން އެންމެ ލޯބިވާ މާތް ނަބިއްޔާ (صلي الله عليه وسلم) މުޅި އުމުރު ގޮވާ ލެއްވީ ވެސް ހަމަ މި ގޮވާ ލެއްވުމަށެވެ. އެކަލޭގެފާނަށް އެ ދަޢުވާ ގެ ސަބަބުން އެތައް އުނދަގޫ ތަކަކާއި މަލާމާތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގަތެވެ. އަދި އެ ދައުވާ ގެ ސަބަބުން އަމިއްލަ އުފަން ވަޒަނުން ބޭރުކޮށްލެވުނެވެ. އަދި މުޝްރިކުން އޭގެ ބަދަލުގައި މުދަލާއި، ވެރިކަމާއި ދުނިޔޭ ގެ އުފާ ހުށަހެޅިއެވެ. ނަމަވެސް އެހުރިހާ އެއްޗަކާއި ކަމަކަށްވުރެ ޝަހާދަތުގެ ދެކަލިމަ އިސްކުރެއްވީ އެ ހުރިހާ ދުނިޔަވީ ތަކެއްޗަކަށް ވުރެ އެކަލިމަ މަތިވެރި ވެފައި އަގުބޮޑު ވީމައެވެ.
އާއެކެވެ. ﷲ ގެ ރަޙުމަތުން އަހަރުމެން އުފަންވީ ދުވާލަކު ފަސް ފަހަރު "لا اله الا الله ، محمد رسول الله" (صلي الله عليه وسلم) މި ކަލިމަ އެބިމެއްގައި ގޮވާލެވޭ ބިމެއްގެ މައްޗަށެވެ. ނަމަވެސް އަހަރުމެންނަށް މިވަނީ މިކަލިމައިގެ އަގުބޮޑުކަން ހަނދާން ނެތިފައެވެ. މިއަދު މިވަނީ އެކަލިމަ ފަޑުވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައެވެ. ނަމަވެސް ހަނދާން ކުރާށެވެ. އަހަރުމެން އެ ކަލިމަ ދޫކޮށްލައި ޝައިތާނާ އާއި ކާފަރުންނާއި މުނާފިޤުންގެ މަގަށް އަހަރުމެން ތަބާ ވެއްޖެނަމަ އަހަރުމެން ދުވަހަކަށް ފަހު ދުވަހެއް ދާނީ ނިކަމެތި ވެ ބަލިކަށި ވަމުންނެވެ. އަހަރުމެންގެ އުޚުރަވީ ޙަޔާތް ދުވަހަކަށް ފަހު ދުވަހެއް ދާނީ ގެއްލެމުންނެވެ.
" އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ!އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ! (سورة الأحزاب : 66-68)
ޔާ ، އަޅަމެންގެ ތެރޭގައި ބަޔަކު ކުރާ ނުބައި ވިޔާނުދާ މަގުފުރެދިފައިވާ އަމަލު ތަކެއްގެ ސަބަބުން އަޅަމެންގެ މައްޗަށް އާއްމުވެ ޝާމިލުވާ ފަދަ ޢަޒާބެއް ނުފޮނުއްވާނދޭވެ. އަދި އަޅަމެންނަށް ހައްޤު، ހައްޤު ގޮތުގައި ދައްކަވާ ބާތިލު، ބާތިލު ގޮތުގައި ދައްކަވާ އަޅަމެންނަށް ތެދު މަގު ދައްކަވާ ހެޔޮވިސްނުން ދެއްވާނދޭވެ. އާމީން