ޖުލައިބީބު


އޭނާ ގެ ނަމަކީ ވަރަށް އާދަޔާ ޚިލާފު އަދި ފުރިހަމަ ނޫން ނަމެކެވެ. އެ ނަން އައިސް ފައި ވަނީ ޖަލްބާބު މި ބަހުންނެވެ. އެ ބަހުގެ މާނައަކީ "ކުޑަ ކޮށް ބޮޑު ވެފާ " މިއެވެ.  މިނަމުން ވެސް އެގޭ ގޮތުގައި ޖުލައިބީބު އަކީ ވަރަށް ކުރު ކޮށް ކުޑަ ކޮށް ހުންނަ މީހެއް ކަމެވެ. އަދި މީގެ އިތުރުން މީހުން އޭނާ ސިފަ ކޮށްފައި ވަނީ އޭނާ އަކީ އާދަޔާ ޚިލާފަށް ހުތުރު އަދި އައިބު މީހެއް ގޮތަށެވެ.



އަދި އޭގެ އިތުރުން އެ ދުވަސް ވަރު މީހާ މީހަކަށް ވުމުގައި އެމީހާ ނިސްބަތްވާ ޤަބީލާ އާއި  ޚާންދާނާއި އާއިލާ އަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނަމަވެސް ޖުލައިބީބު އަކީ އެއްވެސް ޤަބީލާ އަކަށް ދަރިފަސްކޮޅަކަށް އާއިލާ އަކަށް ނިސްބަތްވާ މީހެއް ނޫނެވެ. މަންމަ އެއް ބައްޕަ އެއް އަންބެއް ދަރިއެއް ހުރި މީހެއް ނޫނެވެ. ހަމަ އެކަނި އެގޭ ހާވެސް އެއްޗަކީ އޭނާ އަކީ މަދީނާގައި ދިރިއުޅޭ އަރަތްބެއް ކަމާއި އަދި އެދުވަސްވަރު މަދީނާގައި ހިޔާ އަޅަމުން އައި އިސްލާމްދީނު ގެ ހިޔަލުގައި ހުރި މުސްލިމެއް ކަމަށެވެ. އެހެން ކަމުން އެއީ އަންސާރުން ގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.
ޖުލައިބީބު ގެ ހުތުރު ކަމާއި ޤަބީލާ އެއް ނެތުމުގެ ނަތީޖާ އަކަށްވީ ޖުލައިބީބު އަކީ އެއްވެސް މީހެއް ގެ އަޅާލުމެއް އެކުވެރިކަމެއް ލިބޭފަދަ މީހަކަށް ނުވުމެވެ. ޖުލައިބީބު އާއި އެއްވެސް މީހަކު ގާތް ކަމެއް ބޭއްވުމަށް ބޭނުން ނުވާ ތާނގައި  ބައެއް މީހުން ވަރަށް ނަފްރަތު ކުރާ މީހެއްކަމަށް ޖުލައިބީބު ވެފައި ވެއެވެ.  އަދި ބައެއް ގޭގެއަށް ވަދެ ނިކުމެ ހެދުންވެސް އޭނާއަށް ވަނީ މުޅިން މަނާ ކޮށްފައެވެ.
އެއްފަހަރު ، މުޅި ޢާލަމް ތަކަށް ހެޔޮ ރަޙުމަތެއް ކަމުގައި ފޮނުއްވި ނަބިއްޔާ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަންސާރުން ގެ ތެރެއިން ބޭކަލެއް ކައިރީ އެބޭފުޅާގެ އަންހެން ދަރިފުޅު ކައިވެނި ކޮށްދެއްވުމަށް ވިދާޅުވިއެވެ. އެވަގުތު އެއަންސާރު ހީކުރީ އެ ބޭފުޅާގެ ދަރިފުޅާއި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނި ބައްލަވައިވަޑައި ގަތުމަށް އެދި ވަޑައިގަތީކަމަށެވެ. އެހެން ކަމުން އެ އަންސާރު އުފަލާއި އެކު ދެންނެވިއެވެ. " ތިއީ ހާދަ އުފާވެރި ވާހަކައެކެވެ. " އެވަގުތު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އެއީ އެކަލޭގެފާނު ކައިވެނި ކުރައްވަން ނޫން ކަމަށާއި އެއީ އެހެން ބޭކަލަކަށް ކަމަށް އަންސާރު ކައިރީ ވިދާޅުވިއެވެ. އެ އަންސާރު އެއްސެވިއެވެ.  " ދެން ކޮން ބޭކަލަކަށް ތޯއެވެ. " ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވީ އެއީ ޖުލައިބީބު އަށް ކަމަށެވެ.  އެވަގުތު އަންސާރަށް ކުއްލި ޝޮކެއް ޖެހިފަ ކަހަލަ ގޮތަކަށް އަންހެން ކުއްޖާ ގެ މަންމައާއި މަޝްވަރާ ކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.  
އެ އަންސާރު ގެއަށް ގޮސް އަންހެން ކުއްޖާގެ މަންމަ ގާތު އެވާހަކަ ދެންނެވިއެވެ. މަންމަ ވެސް ޖުލައިބީބު ކަން އެގުމުން ތިކަމެއް ނުވާނޭ އަހަރުމެންގެ އަންހެން ދަރިފުޅު ދުވަހަކުވެސް ޖުލައިބީބު އަކާއި ކައިވެނި ނުކޮށް ދޭނަމޭ ވިދާޅުވާންފެށިއެވެ. އެވަގުތު އެ އަންހެން ކުއްޖާ އަށް އެވާހަކަ ދައްކާ އަޑު އިވުމުން އެތަނަށް އައިސް ދެންނެވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރަކާ އިދިކޮޅު ހަދަނީ ތޯއެވެ. ތިމަންނައަކަށް ލާހިކެއް ނޫނެވެ. ތިމަންނަ ޖުލައިބީބު އާ ކައިވެނި ކުރުމަށް މިހިރީ ތައްޔާރަށެވެ. އަދި އެ އަންހެން ކުއްޖާ ޤުރުއާނު ގެ މި އާޔަތް ކިޔަވާ ވިދާޅު ވިކަމަށް ވެއެވެ. " އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." (33:36).
އަދި އެއަށް ފަހު  ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޖުލައިބީބު އެ އަންހެން ކުއްޖާއާއި ކައިވެނި ކޮށްދެއްވިއެވެ. އަދި އެދެމީހުން ވަރަށް އުފަލުން ދިރިއުޅުނެވެ.

އެއްފަހަރު މުސްލިމުންނާއި ކާފަރުންނާއި ދެމެދު ކުރެވުނު ހަނގުރާމައެއްގައި މުސްލިމުން ގެ ބަޔަކު ޝަހީދުވިއެވެ. ހަނގުރާމަ ނިމުމުން ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޝަހީދު ވީ މީހުންގެ އިތުރުން އެއްވެސް މީހަކު ގެއްލިފައިވޭތޯ އެއްސެވިއެވެ. ނަމަވެސް މުސްލިމުން ލަޝްކަރު ތެރޭގައި ތިބި ބޭކަލުން ޝަހީދުވީ މީހުންގެ އިތުރުން އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށް ދެންނެވިއެވެ. އެ ވަގުތު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ސުވާލު ތަކުރާރު ކުރެއްވިއެވެ. އަދި އެއަށް ފަހު ޖުލައިބީބު ގެއްލިއްޖެކަމަށާއި ޖުލައިބީބު ހޯއްދެއްވުމަށް ވިދާޅުވިއެވެ. އެވަގުތު މުސްލިމުން ޖުލައިބީބު ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ހަނގުރާމައިގެ މައިދާނުގެ ތެރޭގައި މަރުވެފައި އޮތް ހަތް ކާފަރުންގެ ތެރޭގައި ޖުލައިބީބު ޝަހީދު ވެފައި އޮއްވާ ފެނުނެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޖުލައިބީބު އޮތްތަނަށް ވަޑައިގެން ޖުލައިބީބު ކައިރީ ހުއްޓި ވަޑައިގެން ހަދީޘް ކުރެއްވި ކަމަށް ވެއެވެ. "ޖުލައިބީބު އެ ޝަހީދުވީ ހަތް ކާފަރުން ނާއި ކުރިމަތިލާ އެ ހަތް މީހުން ޤަތުލު ކުރުމަށް ފަހު އެވެ. ޖުލައިބީބު އަކީ ތިމަންކަލޭގެފާނުން ގެ ތެރެއިން ވާ ބޭކަލެކެވެ. އަދި ތިމަން ކަލޭގެފާނަކީ ޖުލައިބީބު ތެރެއިން ވާ ބޭކަލަކީމުއެވެ. "
"އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ !ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! " (سورة الفجر 89:29)